މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވި 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ހަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށެވެ. ދިވެހީންގެ ޝަހްސިއްޔަތާއި ޤައުމިއްޔަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުން މަސްވެރިންނަށް ލިބޭނެ ފައިދާތައް ރައީސް ފާހަގަކުރެއްވިއެވެ.
މަސްވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ ގޮތުން މިފްކޯއިން މަސް ގަންނަ އުސޫލަށް ބަދަލު ގެނެސް، ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން މާދަމާއިން ފެށިގެން މަސްވެރިންނަށް ތެޔޮ ވިއްކަނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަން ރައީސް ވިދާޅުވެ، މިއީ މަސްވެރިންގެ ޖީބަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ފާހަގަކުރެއްވިއެވެ.
ކޯލްޑް ސްޓޯރޭޖްގެ ޤާބިލިއްޔަތު އިތުރުކުރުމަށް 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސް ޕްރޮސެސިންގ ކާރުހާނާތައް ޤާއިމުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަން ވެސް ރައީސް ހާމަކުރެއްވިއެވެ. އަންނަ މާރިޗު މަހުގެ ނިޔަލަށް ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނެކަމަށާއި، ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތް ކުރިއަށްދިޔުމާއެކު ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަން ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ހެދުމުގެ ވިސްނުމުގެ ދަށުން ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތައް ޤައުމީ ފެންވަރެއްގައި އަގުވަޒަންކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ ދެ އަހަރު މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ތަފާސްހިސާބުތަކުން ފެންނަމުންދާކަން ފާހަގަކުރައްވައި، މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި މަސްވެރިކަން އަލުން ޤައުމުގެ ލޭނާރުކަމަށް ވެގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ