އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް

Author
ޢަލީ އާދަމް
09 ޖެނުއަރީ 2021 01:54
0

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް އިތުރުކޮށްފި އެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި މީގެކުރިން ތިއްބެވީ 6 މެމްބަރުން ނެވެ. ނަމަވެސް ބޯޑަށް އަލަށް އައްޔަންކުރި 5 މެމްބަރުންނާއެކު އެކޯޕަރޭޝަންގެ ބޯޑު މެމްބަރުންގެ އަދަދު ވަނީ 11 އަށް އިތުރުވެފައެވެ.

އެޗްޑީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ އަބްދުލް މުންނިމް، އަބްދުﷲ މިއާދު، މުހައްމަދު ޖަލާލް، ޝާތިރު އަބްދުއްރަހުމާން އަދި މަރިޔަމް ޝަވާދިން އަބްދުﷲ އެވެ. މި ބޭފުޅުންގެ ތެރެއިން ޝާތިރު އަބްދުއް ރަހްމާންއާއި މަރިޔަމް ޝަވާދިންއަކީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީއެމްއައިޒެޑްއެލްގެ ބޯޑުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނާއި މުދަލާއި ތަކެތި އެޗްޑީސީގެ ދަށަށް ބަދަލު ކޮށް ދެކުންފުނި ވަނީ އެއްކޮށްލާފަ އެވެ. އެއާއެކު ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ބަލަހައްޓަންޖެހޭ ފަރާތަކީ އެޗްޑީސީއެވެ.

އެޗްޑީސީ ފުރަތަމަ އުފެއްދެވީ ހަމައެކަނި ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައެވެ. އަދި ޖީއެމްއައިޒެޑްއެލްއަކީ ތިލަފުއްޓާއި ގުޅިފަޅުގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

އަދުގެ ސަރުކާރުން މި ދެ ކުންފުނި އެއްކޮށްލާފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން މާލީ ގޮތުންނާއި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތް ކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީ ކުރަން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ހިނގަމުންދާނީ އެއް ކުންފުނީގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.