އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިއަދު މަޖިލީހުން 75 މެންބަރުންގެ ވޯޓުން ފާސްކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސަށާއި ސަރުކާރަށް ތައުރީފް ކުރައްވާއިފިއެވެ.
ގާސިމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ނިޒާމު ހިންގުމުގައި ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ އަތޮޅު ކައުންސިލަކީ ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނަންޖެހޭ ލޭޔާއެއް ނޫންކަން ސާބިތުވެފައިވާ ކަމަށެވެ. ރަށު ކައުންސިލްތަކުން ސީދާ ސަރުކާރުގެ އިދާރާތަކާ ގުޅުމުން ހިދުމަތް އަވަސްވެ، ދައުލަތުގެ ހަރަދު ކުޑަވެ، އެފިޝެންސީ އިތުރުވެގެންދާނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ހާއްސަކޮށް 2023 ގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފެދިފައިވާތީ އަދި އެ ވުޒާރާއިން ކައުންސިލްތަކަށް ވަރަށް ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެމުން ދާތީ، އަތޮޅު ކައުންސިލްތަކުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ނުދެކޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ގާނޫނު އަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް އަތޮޅު ކައުންސިލް އުވާލާ އިސްލާހު ފާސްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
ގައުމުގެ ހިންގުން ހަރުދަނާކޮށް ހަރަދުކުޑަކޮށް ގައުމު ކުރިއަށްގެންދިއުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާ ގާސިމް ވަނީ، މިފަދަ ކޮންމެ ފިޔަވަޅަކަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދު ދެއްވާނެކަން ހާމަކުރައްވާފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި އިސްލާހު ފާސްވި ނަމަވެސް، މިހާރު ދެމިއޮތް އަތޮޅު ކައުންސިލްތައް ދައުރު ހަމަވާންދެން ދެމިއޮންނާނެއެވެ.
ކޮމެންޓު ފޮނުވާ