އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. މި ނިންމުން ނެގީ ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރިތާ ފަސް އަހަރު ފަހުންނެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަކީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށެވެ. މި ދައުވާތައް ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށް އެއް މިލިއަން ޑޮލަރު ވަދެ، ދައުލަތަށް ލިބެންޖެހޭ ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާތަކެކެވެ.
ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓާއި ހައި ކޯޓުން ކުށް ސާބިތުވި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށާއި، އޭނާގެ އެކައުންޓަށް ވަން ފައިސާއަކީ ދައުލަތުގެ ފައިސާ ކަން ވެސް ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން އަސްލު މައްސަލަ ސާބިތު ނުވުމުން ޕީޖީ އޮފީހުން އާޒިމާގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން ނިންމީ ކަމަށް މިއަދު އެ އޮފީހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ