ޖެނުއަރީގެ ސާފް ފުޓްސަލަށް ރާއްޖެއަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް

ޖެނުއަރީގެ ސާފް ފުޓްސަލަށް ރާއްޖެއަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް

Author
ޙަސަން މުޙައްމަދު
22 ނޮވެމްބަރ 2025 04:37
0

ޖެނުއަރީ މަހު ތައިލެންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ފުޓްސަލް ޓީމު ތައްޔާރުކުރުމަށް އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް އައްޔަންކޮށްފި އެވެ.

އެފްއޭއެމާއި ޒަކިރޯވް އެއްބަސްވީ ތިން މަސްދުވަހުގެ ނިޔަލަށް ކަމަށްވާއިރު، އޭނާގެ ކޮންޓްރެކްޓް ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ. ކޮންޓްރެކްޓް ނިމޭނީ ޖެނުއަރީ 31 ގަ އެވެ. ޒަކިރޯވަކީ އުޒްބެކިސްތާނުގެ ފުޓްސަލް ލީގުގެ ކްލަބް ނެފްޗީގައި ވެސް މަސައްކަތްކުރާ ތަޖުރިބާކާރެކެވެ. އޭނާ ރާއްޖެއަށް ވީއްލަނީ ވެސް ނެފްޗީ އާއި އެފްއޭއެމްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ފިރިހެން ޓީމުގެ ރަސްމީ ކޯޗުގެ މަގާމުގައި މަސައްކަތްކުރާ ޒަކިރޯވް، އަންހެން ފުޓްސަލް ޓީމު ތައްޔާރުކުރުމުގައި ދިވެހި ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިދިޔަ މެއި މަހު ޗައިނާގައި ބޭއްވި އަންހެން އޭޝިއަން ކަޕަށް އުޒްބެކިސްތާން ކޮލިފައި ކޮށްދިނީ ވެސް ޒަކިރޯވް އެވެ. އޭނާގެ ބެލުމުގެ ދަށުން އުޒްބެކިސްތާން ގުރޫޕް އޭގެ ތިންވަނައަށް ގެންދިޔައީ ޗައިނާ، ތައިވާން އަދި އޮސްޓްރޭލިއާ ހިމެނޭ ބާރުގަދަ ގުރޫޕެއްގައި އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފެށޭނީ ޖެނުއަރީ 12 ގައި ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.