ޓެކްސީތަކުން އަގު ނެގުމުގައި މީޓަރު ނިޒާމެއް ތައާރަފްނުކޮށް ކާރު އިތުރުކުރިޔަސް ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ފީސިބުލް ގޮތަކީ މީޓަރު ހަރުކުރުން ކަމަށާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާނުކޮށް ސަރުކާރުން ފްލީޓެއް ތައާރަފްކޮށްގެން ވާނީ ފެއިލް ކަމަށެވެ.
ނިޔާޒް ފާހަގަކުރެއްވީ ޑްރައިވަރުންގެ ހައްގުތަކުން މަހުރޫމްކޮށް ދަތިކޮށްގެން މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ. މި ވާހަކަތައް ފާޅުކުރިއިރު ސަރުކާރުން ތައާރަފްކުރަން އުޅޭ ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން އެމްޓީސީސީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަނީ ރާވާފަ އެވެ. އެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ޑްރައިވަރުންނަށް އިސްކަން ދޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކޮމެންޓު ފޮނުވާ