އާމްދަނީއާއި ނުބައްދަލު މުދާ ނަގާނަމަ، މިސަރުކާރުގެ ވެރިންގެ މުދާ ދައުތަލަށް ނަގަންޖެހޭ: މުސްތަފާ

އާމްދަނީއާއި ނުބައްދަލު މުދާ ނަގާނަމަ، މިސަރުކާރުގެ ވެރިންގެ މުދާ ދައުތަލަށް ނަގަންޖެހޭ: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 06:36
0

ލިބޭ އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނަގާނަމަ، މިސަރުކާރުގެ ވެރިންގެ މުދާ ދައުތަލަށް ނަގަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، މިކަމަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް މުސާރައާއި ނުބައްދަލު މުދާ ލިބި އެތަކެތި ދައުލަތަށް ނަގާނަމަ، މިސަރުކާރުގެ މިހާރު ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މުދާތައްވެސް ދައުލަތަށް ނަގަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ މުދާ ދައުލަތަށް ނަގަނީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މުސާރަ ކޮޅާއި ނުބައްދަލު ވެގެންކަމަށް ވާނަމަ، މިސަރުކާރުގެ އަތް ކަނޑަށް ނުޖެހޭ އެންމެ ވަގެއްވެސް ނެތް. ހާއްސަކޮށް ފަލަމަޑި ވަޒީރުގެ ހަތަރެސްފައި ކަނޑާފަ އޭނަގެ މުދާވެސް ނަގަންޖެހޭނެ! މިސަރުކާރުގައި ހުސް ވަގުން.

– މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ މިވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ވައްކަން ކުރަން ޖާގަ ހަނިކުރާ ވަރަކަށް އެކަން ހުއްޓުވަން މަސައްކަތް ކުރާ މީހުން ބަދުނާމުކުރަން ބަޔަކު އަބަދުވެސް ނިކުންނާކަމުގައެވެ. ނިހާދުގެ މިވާހަތަކާއި ގުޅިގެން މިސްތަފާ ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވޭ މީހުން ގިނަ ސަރުކާރެއްކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޖަމާކޮށް އަދި އެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ފައިސާ އާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން ވެސް އެ ދައުވާގައި އެދިފައިވެއެވެ.

ދައުލަތުން ރައީސް ޔާމީންގެ މުދާ ނެގުމަށް އެދުމުން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަަށް އަމާޒުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ ރައީސް ނާސިރަށް ޖެއްސެވި ހާލު ޖެއްސުމަށް މިސަރުކާރުން ރާވައިގެން ކުރާ ކަންތައްތަކެއް ކަމަށެވެ. އަދި މިދައުވާއަކީ ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށް ކޮށްފައިވާ ދައުވާއެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.