ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ވަދެ، 355 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު "އަވިޝްކާ ޕުތާ"ގައި ހުރި ފަސް މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ގޮތަށް ބަންދު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ސްރީލަންކާގެ ބައެއް މީޑިއާތަކުން އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރިޕޯޓްކުރި ނަމަވެސް، މިއަދު ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށް، މި މައްސަލަ ޝަރީއަތުން ނުނިމެނީސް އެ މީހުންނަށް އެއްވެސް ތަނަކަށް ދެވޭނެ ގޮތެއް ނެތްކަމަށް ތަކުރާރުކޮށް ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28، 34، 39، 42 އަދި 63 އަހަރުގެ ފަސް ސްރީލަންކާ ފިރިހެނުންނެވެ. މި މައްސަލަ ދިވެހި ފުލުހުން، އެމްއެންޑީއެފް، ސްރީލަންކަން ނޭވީ އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ތަހުގީގު ކުރަމުންދާކަމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. އެމްއެންޑީއެފްއިން އެ ބޯޓު ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ބޯޓު ބަލައި ފާސްކުރި އިރު ވަގުތީ ބަރުދަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ