މިއީ ހަމައެކަނި އުމްރާނީ ކުރިއެރުމެއް ނޫން، ދެގައުމުގެ ގުޅުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއް: މޯދީގެ މަންދޫބު

މިއީ ހަމައެކަނި އުމްރާނީ ކުރިއެރުމެއް ނޫން، ދެގައުމުގެ ގުޅުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއް: މޯދީގެ މަންދޫބު

Author
ޙަސަން މުޙައްމަދު
10 ނޮވެމްބަރ 2025 10:50
0

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލަށް ތަރައްގީކޮށް ރޭ ހުޅުވައިލައިފިއެވެ. އެ އެއާޕޯޓު ހުޅުވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންނެވިއެވެ.

ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ނައިޑޫ ވިދާޅުވީ މި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ކުރިއެރުމެއް ނޫންކަމަށާއި ދެގައުމުގެ ގުޅުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އިންޑިޔާއިން އޮތީ ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމުގެ މަސައްކަތުގައި އިންވެސްޓްމަންޓާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރަން އަތުގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ފަހިކުރަން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އިންވެސްޓްމަންޓު މުއާހަދާ އަވަހަށް ނިންމުމަކީ އިންޑިޔާގެ އުއްމީދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ފައިނޭންސްކޮށްފައިވާ މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. 2.7 ކިލޯމީޓަރުގެ ރަންވޭއާއެކު، މުޅިން އައު ކާގޯ ޓާމިނަލް އަދި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް އެއާޕޯޓުގައި ވަނީ ހަދައިފައެވެ. މަޑިފަތި ސިފަވާނެހެން ޑިޒައިންކޮށްފައިވާ ޓާމިނަލް އިމާރާތާއެކު، އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭނެ އޭޕްރަންއެއްވެސް ތަރައްގީކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.