އިންޑިއާގެ ލޯނު އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ބިޔަ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ މަސައްކަތް ހަވާލުކުރީ 2022 ގެ ސެޕްޓެމްބަރުގަ އެވެ.
މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓާރުގެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރުގެ އާ ރަންވޭއާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ އާ ޓާމިނަލާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ކާގޯ އިމާރާތާއި ފިއުލް ފާމެއް ހަދަމުންދެ އެވެ. އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކޮމެންޓު ފޮނުވާ