އެމެރިކާއިން ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާގެ ނަން ނިރުބަވެރިންގެ ލިސްޓުން އުނިކޮށްފިއެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން އިއްޔެ އެޅި މި ފިޔަވަޅަކީ އަންނަ ހަފްތާގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ޝަރާއާއި ދެމެދު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
އަލް-ޤައިދާއާއި ގުޅުން އޮންނަ ކަމަށް ބުނާ ކުރީގެ ހަނގުރާމަވެރިއެއް ކަމުގައިވާ ޝަރާގެ ނަން އދ.ގެ ސަލާމަތީ ކައުންސިލުން ވެސް މިދިޔަ ބުރާސްފަތި ދުވަހު އުނިކޮށްފައިވެއެވެ. މި ފިޔަވަޅުތަކަކީ ކުރީގެ ރައީސް ބަޝާރުލް އަސަދު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމުން ދުރުވި ފަހުން ސީރިއާގެ އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް އަލުން ބިނާކުރުމަށް އޮތް ހުރަސްތައް ނައްތާލުމުގެ މަސައްކަތުގެ ބައެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ވައިޓްހައުސްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަކީ ސީރިއާގެ ރައީސަކު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކާއި ބައްދަލުކުރާ ތާރީހީ ބައްދަލުވުމެކެވެ. މީގެ އިތުރުން ސީރިއާގެ އިންޓީރިއާ މިނިސްޓަރު އަނަސް ޙައްޔާބުގެ ނަން ވެސް އެމެރިކާއިން މި ލިސްޓުން ވަނީ ފޮހެލާފައެވެ.
ކޮމެންޓު ފޮނުވާ