ރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަންރަށް ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފިއެވެ. މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދުގެ އާއިލާގެ މެމްބަރުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަމަށާއި، އެންމެ ފަހުން މި ގައުމުގެ މިނިވަންކަމުގެ އަގަކަށްވީ 37 އަހަރު ކުރިން ޝަހީދުވި ހުސައިން އާދަމް ފަދަ ބަތަލުންގެ ލޭ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމަތީ އަބަދުވެސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލު އުތީމު ބޮޑުތަކުރުފާނު ވެސް ބޮޑުތިލަދުންމަތީގެ ދަރިއަކަށް ވާކަމަށެވެ.
ޝަހީދު ހުސައިން ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ މި ހަނދާނީ ބިނާގައި ހުރީ، ޝަހީދު ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. މި ބިނާ ފަރުމާކޮށް ހެދުމަށް ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ