1988ވަނަ އަހަރުގެ އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ހަދާފައިވާ ހަނދާނީ ބިނާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުޅުވާނެ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފަށާފައިވާ މި ހަނދާނީ ބިނާގެ މަސައްކަތަށް ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިޟްވާން މުހައްމަދު ވިދާޅުވިއެވެ. ޝަހީދު ހުސައިން ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި ސަރަހައްދު ކަމަށްވާ ކުރީގެ ބަނދަރު ސަރަހައްދުގައި ބަހައްޓާ މި ބިނާގައި މެދުގައި ހުންނާނީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. އަދި އެ ދުވަހު އެކަލޭގެފާނު ހުންނެވި ގޭޓުގެ ދެ ފަރާތުގެ އަރިމަތީގައި ހުރި ޕެޓާން ބިނާގައި ހިމަނާފައި ހުންނާނެއެވެ.
ރައުންޑަބައުޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ބިނާގެ ލޭންޑްސްކޭޕިންގައި ގްލިޓަރީ ގޮތަކަށް ފަރުމާކުރުމަށް ވިސްނާފައިވާއިރު، އެކި ތަންތަނުގައި ފެއާއި ރަތްކުލަ ބޭނުންކޮށްފައި ހުންނާނެއެވެ. ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވަށްބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ. މި ހަނދާނީ ބިނާ އިފުތިތާހުކޮށްދޭނީ ޝަހީދު ހުސައިންގެ އާއިލާއިން ކަމަށް ރިޟްވާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ