ތުލުސްދޫގައި ސްޓެލްކޯގެ ހުނަރު ދަސްކުރާ އެކަޑަމީ ހުޅުވައިފި

ތުލުސްދޫގައި ސްޓެލްކޯގެ ހުނަރު ދަސްކުރާ އެކަޑަމީ ހުޅުވައިފި

Author
އަހުމަދު
28 އޮކްޓޯބަރ 2025 08:27
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި އެކަޑަމީގެ މަގްސަދަކީ މުޖުތަމައުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. 5 މިލިއަން ރުފިޔާ ހަރަދުކޮށް ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްގެން ބިނާކުރި މި މަރުކަޒުގައި ކްލާސްރޫމްތަކާއި، ވޯކްޝޮޕް، ލެބޯޓްރީއާއި އެކޮމޮޑޭޝަން ހިމެނެއެވެ. އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ މި މަރުކަޒުގައި ޗައިނާގެ ދެ ކުންފުންޏަކުން 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް ވެސް ގާއިމުކުރެވިފައިވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ގޮތުން ސްޓެލްކޯ އާއި ގައުމީ ޔުނިވާސިޓީއާ ދެމެދު 26 އޮކްޓޫބަރު 2025 ގައި ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި މި އެކަޑަމީން މެކޭނިކަލް އިންޖިނިއަރިން، އޮޓޯމޯޓިވް އިންޖިނިއަރިން، ފެނާއި ނަރުދަމާ ނިޒާމުތައް، އޮޓޯމޭޝަން އިންޖިނިއަރިން އަދި އިދާރީ ހިދުމަތްތަކުގެ ދާއިރާއިން ތަމްރީނު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.