ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމަށް ގާއިމްކޮށްފައިވާ ކޮންޒަވޭޝަން ޓްރަސްޓް ފަންޑު ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އެންވަޔަރަމެންޓަލް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުން ލިބޭ އާމްދަނީ ޖަމާކޮށް ހަރަދުކުރުމަށް މި ފަންޑު ގާއިމްކޮށްފައި ވިޔަސް، ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ގަވާއިދުން ފަންޑު ބޯޑުގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި، ބަޖެޓް އެޕްރޫވްކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ. 2012 ވަނަ އަހަރުގެ ފަހުން ފަންޑު ކުރިއެރުވުމަށް ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިވާކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ ފަންޑުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތާއި އެހެނިހެން މައުލޫމާތު ވެބްސައިޓުގައި އާންމުންނަށް ލިބޭނެ ގޮތަށް އަދާހަމަކޮށްފައި ނުވާ ކަމަށާއި، އަހަރީ ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތު ހިމަނާފައި ނުވާ ކަމަށެވެ. މިކަންކަމުގެ ސަބަބުން ފަންޑު މެނޭޖުކުރާ ގޮތާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، ފަންޑުގެ ޓްރާންސްޕޭރެންސީއަށާއި ނަޒާހަތްތެރިކަމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑުގެ ބޯޑުގައި ހަ މެމްބަރުން ތިއްބަވަ އެވެ. ފަންޑަށް އާމްދަނީ ލިބެނީ އެ އަތޮޅުގައި އޮންނަ ހަނިފަރު ބޭ ސަރަހައްދަށް ވަނުމުގެ ފީންނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަންނަ ޑައިވް ސެންޓަރުތަކުން ނަގާ ފީންނާއި، ދައުލަތުން ދޭ ބަޖެޓާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދޭ އެހީގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ