ދަރިކަލުން ޓްރަމްޕަށް: ފަލަސްތީނުގެ "މަންޑޭލާ" މިނިވަންކޮށްފި ނަމަ ސުލްހައަށް ކުރިއެރުން ލިބޭނެ 

ދަރިކަލުން ޓްރަމްޕަށް: ފަލަސްތީނުގެ "މަންޑޭލާ" މިނިވަންކޮށްފި ނަމަ ސުލްހައަށް ކުރިއެރުން ލިބޭނެ 

Author
ޙަސަން މުޙައްމަދު
28 އޮކްޓޯބަރ 2025 07:38
0

އިޒްރޭލުން ޖަލަށް ލާފައިވާ ފަލަސްތީނުގެ އިސް ލީޑަރު މަރްވާން ބަރްޣޫތީ މިނިވަންކޮށްފި ނަމަ، ޣައްޒާގައި ހަމަލާތައް ހުއްޓާލެވުމުން ލިބިފައިވާ ފުރުސަތުގައި ދެ ދައުލަތުގެ ހައްލުން އެއްބައިވަންތަކަން ގާއިމުކުރެވޭނެ ކަމަށް އޭނާގެ ދަރިފުޅު އަރަބް ބަރްޣޫތީ ވިދާޅުވެއްޖެ އެވެ. އަރަބް ވަނީ މި ފުރުސަތުގެ ބޭނުންހިފައި ބައްޕަ މިނިވަންކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ފަލަސްތީނުގެ މަންޑޭލާ" ގެ ގޮތުގައި ނިސްބަތްކުރާ 66 އަހަރުގެ ބަރްޣޫތީ އަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ހިނގި ދެ ވަނަ އިންތިފާޟާގެ އެއް ލީޑަރެވެ. ރައީސް މަހްމޫދު އައްބާސަށް ފަހު ދެން އެ މަގާމަށް ވަޑައިގަންނަވާނެ ލީޑަރު ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަނީ އޭނާ އެވެ. 2004 ވަނަ އަހަރު ބަރްޣޫތީ ޖަލަށް ލީ އުމުރަށް ޖަލަށްލުމުގެ ފަސް ހުކުމާ އެކު އެވެ. އެއީ އިޒްރޭލުގެ ފަސް މީހަކު މަރުވި ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ. ނަމަވެސް މި ހުކުމަށް ފަހު ވެސް ފަލަސްތީނުގައި އޭނާއަށް އޮތް ބޮޑު ތާއީދަށް ބަދަލެއް ނާދެ އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އަރަބް ވިދާޅުވީ، ބަރްޣޫތީ އަކީ ފަލަސްތީނު އެއްބައިވަންތަކުރުމުގެ ރެކޯޑް އޮތް ބޭފުޅެއް ކަމަށާއި ދެ ދައުލަތު ހައްލުން ދެ ގައުމަށް ހަމަޖެހުން ގެނެސްދެވޭނެކަން ވިސްނައިދޭން އޭނާ ފަދަ ބޭފުޅަކު ނުހުންނާނެ ކަމަށެވެ. އަރަބް ވިދާޅުވި ގޮތުގައި، ސުލްހައިގެ މަސައްކަތުގައި ސީރިއަސް ނަމަ މިއީ ރަނގަޅު ފުރުސަތެކެވެ.

އަރަބް މި ވާހަކަ ދައްކަވާފައި ވަނީ ފްރާންސާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ އެތައް ގައުމަކުން މި ފަހުން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތް ދަނޑިވަޅެއްގަ އެވެ. ބަރްޣޫތީގެ އަނބިކަނބަލުން ފަދްވާ ވެސް ވަނީ ޓްރަމްޕުގެ އަރިހުން މިކަމަށް އެދިވަޑައިގެންފަ އެވެ. ޓްރަމްޕް "ޓައިމް" މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އުންމީދުކުރަނީ އެކަން ކޮށްދެއްވާނެ ކަމަށް، އަޅުގަނޑުގެ ބައްޕަ މިނިވަން ކުރުމަށް އިޒްރޭލަށް ޕްރެޝަރު ކުރައްވާނެ ކަމަށް، އެއީ ސުލްހައިގެ ބައިވެރިއެއް،" އަރަބް ވިދާޅުވި އެވެ. އަރަބް ވިދާޅުވީ ބައްޕައާ ވާހަކަ ދައްކުމުގެ ހުއްދަ އިޒްރޭލުން ނުދޭތާ ތިން އަހަރު ވެއްޖެ ކަމަށާއި، އެކަމަކު އޭނާ އަކީ އަދިވެސް ފަލަސްތީނުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބޭފުޅެއް ކަމަށެވެ. ރައީސް އައްބާސްގެ ފަތަހް ޕާޓީގެ ދުވަސްވީ މެންބަރެއް ކަމަށްވާ ބަރްޣޫތީ އަކީ އެ ޕާޓީގެ މައި ކޮމިޓީގެ މެންބަރުކަމަށް އެތައް ފަހަރަކު އިންތިހާބުވެފައިވާ ލީޑަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.