ސިނގިރޭޓު ވައްކަމުގެ ތަހުގީގަށް ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓު ވައްކަމުގެ ތަހުގީގަށް ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
25 އޮކްޓޯބަރ 2025 09:17
0

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލައިގައި އިތުރު ތިން މީހަކު ވެސް މިއަދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

އަލަށް ހައްޔަރުކުރި ތިން މީހުންނަކީ ހދ. ވައިކަރަދޫ، ނޫރަލީގެ އަހުމަދު ޝަމީމް (42 އަހަރު)، ހ. ރުމޭނިއާ، އަހުމަދު ފިރުޝާން (35 އަހަރު) އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް (35 އަހަރު) އެވެ. ޝަމީމާއި ސާމިހް ހަތް ދުވަހަށް އަދި ފިރުޝާން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލާގައި ދިގަލީގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ހުޅުމާލެ ބަނދަރުގައި މަސައްކަތް ކުރި ކަސްޓަމްސްގެ އޮފިސަރު ޒިވަރް އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ ވެސް ހުރީ ބަންދުގައެވެ. ސިނގިރޭޓު ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި ހަސަން އަބްދުއްރަހްމާން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ސިނގިރޭޓު ކޭސްއަށް ޑިއުޓީ ދެއްކިނަމަ 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ. މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައިވާއިރު، އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.