ޤައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާގެ ވެރިރަށް ކުއާލަ ލަންޕޫރަށް ދަތުރުކުރާ ފަސިންޖަރުންނަށް ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފިއެވެ. މި ފެއާގެ ދަށުން ދެކޮޅު ޓިކެޓްގެ އަގު ފެށޭނީ އެންމެ 112 އެމެރިކާ ޑޮލަރަށް ކަމަށް އެއަރލައިނުން ހާމަކޮށްފައިވެއެވެ.
މި ޚާއްޞަ ފެއާ ބޭނުންކުރެވޭނީ ޑިސެމްބަރު މަހުގެ 21 އަދި 28 ވަނަ ދުވަހު ކުރާ ދަތުރުތަކަށް ކަމަށާއި، ދަތުރުތަކުގައި އެއަރބަސް ބޯޓުތައް ބޭނުންކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ. މި އަގަކީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ މީހުންނަށް ލިބޭނެ ބޮޑު ލުއިފަސޭހައެއް ކަމަށްވެސް އެއަރލައިނުން ފާހަގަކުރެއެވެ.
މޯލްޑިވިއަނުން އިތުރަށް ހާމަކުރި ގޮތުގައި، ޓިކެޓުގެ އަގު ހެޔޮކުރުމާއެކު ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ މީހުންގެ އެންމެ މަޤްބޫލު އެއަރލައިންގެ ގޮތުގައި ހަރަކާތްތެރިވުމަކީ އެމީހުންގެ އަމާޒު ކަމަށް ބުނެފައިވެއެވެ.
އިންޓަރނޭޝަނަލް ނެޓްވޯކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކުއާލަ ލަންޕޫރަކީ މޯލްޑިވިއަނުން ގަވާއިދުން ދަތުރުކުރަމުން އަންނަ މުހިންމު މަންޒިލެއް ކަމަށާއި، މިފަދަ ޚާއްޞަ ފެއާތަކަކީ ޓޫރިޒަމާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ ފުރުސަތެއް ކަމަށްވެސް އެއަރލައިނުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ