ވަކީލު ހާޒިރު ނުވުމުން 250 ރުފިޔާއިން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

ވަކީލު ހާޒިރު ނުވުމުން 250 ރުފިޔާއިން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

Author
ޢަލީ އާދަމް
07 ޖެނުއަރީ 2021 07:38
0

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކޮށްފައި އޮތް މައްސަލައަކަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީ އޮފީސް 250 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ހެނދުނު 10:00 އަކަށް ތާވަލުކޮށްފައިވާ އެ އަޑުއެހުމަކީ ބަގްލަދޭޝް މީހެއްގެ މައްޗަށް އުފުލާފައިވާ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ. މިއީ އޭނާގެ ބަންދު މުރާޖާ ކުރުމަށް ބާއްވަންއުޅުނު އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި ވަކީލަކު ހަމަޖައްސަން، ކުރިން ޕީޖީ އޮފީހުގައި އެދިފައި ވީނަމަވެސް ވަކީލަކު ހަމަޖައްސާފައިނުވާތީ، އަޑުއެހުން ބޭއްވުމުގެ ކުރިން އެކަން ޕީޖީ އޮފީހުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި މިއަދު އެ މައްސަލަ ތާވަލު ކޮށްފައިވާ ގަޑީގެ އެއްގަޑި އިރުގެ ކުރިން މައްސަލަ ތާވަލް ކޮށްފައިވާކަން ޕީޖީގެ ސަމާލުކަމަށް ގެނައިކަމަށާއި ނަމަވެސް އެއްވެސް ވަކީލަކު އެ އޮފީހުގެ ފަރާތުން ހާޒިރުވެފައި ނުވާކަމަށެވެ.

ދައުވާލިބޭ މީހާ އާއި ދިފާއީ ވަކީލުންނާއި ތަރުޖަމާނަކު ގަޑިއަށް ކޯޓަށް ހާޒިރުވެފައި ވާކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

ހައިކޯޓުގެ ކުރީގެ ނިންމުމެއްގައި ވާގޮތުން ޕީޖީގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން ކޯޓުތަކުން ކުރާ ޖޫރިމަނާތަކަށް ޒިންމާ ވާން ޖެހޭނީ އެކަމުގައި އިހުމާލުވި ވަކީލުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.