މަރުވި ހުރިހާ އަސީރުންގެ ހަށިތައް ހަވާލުނުކުރަނީސް ރަފަހް ބޯޑަރު ނުހުޅުވާނެކަމަށް އިސްރާއީލުން ބުނެފި

މަރުވި ހުރިހާ އަސީރުންގެ ހަށިތައް ހަވާލުނުކުރަނީސް ރަފަހް ބޯޑަރު ނުހުޅުވާނެކަމަށް އިސްރާއީލުން ބުނެފި

Author
ހުސައިން
19 އޮކްޓޯބަރ 2025 09:16
0

ޣައްޒާއާއި މިސްރު ގުޅުވައިދޭ ރަފަހް ބޯޑަރު ހުޅުވާލާނީ ހަމާސް އިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މަރުވި އެންމެންގެ ހަށިތައް ހަވާލުކުރުމުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ބުނެފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މަރުވި އަސީރުންގެ ހަށިތައް އިޒްރޭލާ ހަވާލުކުރުމާއި، އަސީރުން މިނިވަންކުރުމާއި، ހަމަލާބަދަލު ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރާ ނަމަ އެ ބޯޑަރު ހުޅުވާލާނެ ކަމަށެވެ. ހަމާސް އިން މިހާތަނަށް މަރުވި 28 އަސީރުންގެ ތެރެއިން 10 މީހެއްގެ ހަށިތައް ވަނީ ހަވާލުކޮށްފަ އެވެ.

އިޒްރޭލުން މިހެން ބުނުމުގެ ކުރިން މިސްރުން ބުނެފައިވަނީ ރަފަހް ބޯޑަރު ހޯމަ ދުވަހު ހުޅުވައި ޣައްޒާއަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް އިޒްރޭލުން ބުނީ، ބޯޑަރު ހުޅުވި ނަމަވެސް މީހުން ދަތުރުކުރުމަށް ފުރުސަތު ދޭނެ ކަމަށާއި، އެހީގެ ސާމާނާއި މުދާ އެތެރެކުރުމަށް ނުހުޅުވާނެ ކަމަށެވެ.

ޣައްޒާއަށް އެއްގަމު މަގުން އެހީ ވެއްދޭ އެންމެ މުހިއްމު މަގު ކަމަށްވާ ރަފަހް ބޯޑަރުގެ ޣައްޒާ ފަޅި، މިދިޔަ އަހަރުގެ މެއި މަހު އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސް، އެ މަގު ހަތިޔާރު އެތެރެކުރުމަށް ބޭނުންކުރާ ކަމަށް ބުނެ ބަންދުކޮށްފައި ވެއެވެ. ޖެނުއަރީ މަހު ހަމަލާބަދަލު މެދުކަނޑާލުމަށް ފަހު އެ ބޯޑަރު ވަގުތީ ގޮތުން ކުރު މުއްދަތަކަށް ހުޅުވާލި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.