ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަންނަ އަހަރުގެ ޙައްޖަށް ވިސާ ނުދޭން ސަޢޫދީ ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ މި ނިންމެވުމުގެ މަޤްޞަދަކީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަފުޅުދައްކަވަމުން ޝަކީލް ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހު ސަޢޫދީގެ ޙައްޖު މިނިސްޓްރީން މި ނިންމެވުން އަންގަވާފައިވާކަމަށާއި، މީގެ ތެރޭގައި ހިތުގެ ބަލި، ކިޑްނީ ބަލި، ނާރުގެ ބަލި އަދި ޑިމެންޝާ ފަދަ ބަލިތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދުރާލާ މެޑިކަލް ޓެސްޓުތައް ހެއްދުމަށް އަންގާނެކަމަށާއި، އެ ރިޕޯޓުތައް ސަޢޫދީ ޙައްޖު މިނިސްޓްރީއާ ހިއްސާކުރުމަށްފަހު ވިސާ ލިބޭކަން ނުވަތަ ނުލިބޭކަން ކަނޑައަޅާނެކަމަށެވެ. ބައްޔަކީ ވިސާއަށް ހުރަސްއެޅޭފަދަ ބައްޔެއްކަން ސަޢޫދީން ކަނޑައަޅުއްވައިފިނަމަ، އެ ފުރުސަތު ބޭނުންވާ އެހެން މީހަކަށް ދެވޭނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
"އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގައި މައްސަލައެއް ނާންނާނެ. ބަލަނީ ބައްޔެއްގެ ބޮޑު ކުޑަމިނަށް،" ޝަކީލް ވިދާޅުވިއެވެ.
ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް މިހާރު ދެމުން އަންނަނީ 1000 ޙައްޖު ކޯޓާއެވެ. ނަމަވެސް އެ އަދަދު އިތުރުކުރުމަށް ސަރުކާރުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް ޝަކީލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ