އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުން އެޖެންޑާގައި އެބައޮތް: އޭޖީ

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުން އެޖެންޑާގައި އެބައޮތް: އޭޖީ

Author
ޙަސަން މުޙައްމަދު
15 އޮކްޓޯބަރ 2025 11:49
0

ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން މި ސަރުކާރުން ނިންމައިފިކަމުގެ ޔަގީންކަން ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއްކަމަށާއި، އެ އިސްލާހު މަޖިލީހަށް ހުށަހަޅާނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ގާނޫނުން ވަނީ މާލޭގައި ކުރިން ހުއްދައެއް ނެތި އެއްވެ އުޅޭނެ ސަރަހައްދުތައް ވަކިކޮށް، ގާނޫނުއަސާސީން ލިބިދޭ އެ ހައްގު ހަނިކޮށްފައެވެ. ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ވެސް އެ ގާނޫނު އިސްލާހުކުރާނެކަމަށް ބުނީއެއްކަމަކު، އެ ސަރުކާރު ނިމުނުއިރު އެކަން ކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖެ ކުޑަ ގައުމަކަށްވުމުން މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫ ވެދާތީ، އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން ފެނޭތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަކީ އިމެއްނެތި ލިބިދޭ ހައްގުތަކެއް ނޫންކަމަށާއި، އެ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެކަމަށް ގާނޫނުއަސާސީގައި ބުނާކަމަށެވެ. އެއްވެ އުޅުމުގެ ހައްގުތައް ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށް، އިހުތިރާމް ކޮށްގެންކަމަށް އުޝާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.