ރާއްޖޭގެ ސަރަޙައްދުގައި ހުޅަނދު މޫސުމުގެ ބާރު ގަދަވަމުންދާތީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގަދަ ވިއްސާރައާއި ކަނޑުގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ބުނެއެވެ. ރާއްޖޭގެ ބޮޑުބައެއްގައި ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި ވައި އިތުރަށް ބާރުވާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަން އެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދު މެންދުރުފަހު 02:30 އިން ރޭގަނޑު 20:30 ހާހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، ވައި ގަޑިއަކު 19 އިން 24 މޭލާ ދެމެދުގެ ބާރުމިނުގައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ވައިގަދަވެ ގަޑިއަކު 45 މޭލަށް ވެސް ވައި ޖެހިދާނެކަމަށް އެ އިދާރާއިން ބުނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފަށާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލައި ސަމާލުކަމާއެކު ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ގަދަ ވިއްސާރައާއި ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ