އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޑިއާގެ ޓެކްނިކަލް މިޝަން އަލުން އެމްބަސީއެއްގެ ގޮތުގައި ހުޅުވާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަން ޖައިޝަންކަރު ހާމަކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ދިއްލީއަށް ވަޑައިގެން އުޅުއްވާ ތާލިބާނުންގެ ޚާރިޖީ ވަޒީރު އާމިރް ޚާން މުއްތާގީ އަރިހުގައި ޖައިޝަންކަރު ވިދާޅުވީ، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އިންޑިއާއަކީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮ އެދޭ ގައުމެއް ކަމަށެވެ. އިންޑިއާގެ އެހީގައި އަފްޣާނިސްތާނުގައި ކުރިއަށްގެންދާ މަޝްރޫއުތައް އަލުން ފެށިގެން ކުރިއަށްދާތަން ފެނުމަކީ ހެޔޮ ފާލެއް ކަމަށް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަނގުރާމަވެރިން ދިން ހަމަލާއަށްފަހު އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކަށް އަފްޣާނިސްތާނުން ދިން އިޖާބައަށް ޖައިޝަންކަރު ޝުކުރު ދަންނަވައި، އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އިންޑިއާއިން އަބަދުވެސް އިހްތިރާމްކުރާނެކަމަށް ވިދާޅުވިއެވެ.
މުއްތާގީ އިންޑިއާއަށް ކުރައްވަނީ އިއްޔެއިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ