އައްޑޫ ސިޓީގެ ތިން ރަށެއްގައި މި މަހުގެ 25 ގައި ކައުންސިލް ރެފަރެންޑަމް ނަގަނީ

އައްޑޫ ސިޓީގެ ތިން ރަށެއްގައި މި މަހުގެ 25 ގައި ކައުންސިލް ރެފަރެންޑަމް ނަގަނީ

Author
ޙަސަން މުޙައްމަދު
08 އޮކްޓޯބަރ 2025 01:35
0

އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ބެހޭ ގޮތުން ހުޅުދޫ، މީދޫ އަދި ފޭދޫގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު މި މަހުގެ 25 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ނެރުއްވި ގަރާރެއްގެ ދަށުން ބާއްވާ މި ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމުމަށްފަހު 30 މިނެޓުގެ ތެރޭގައި ކަމަށާއި، ރަސްމީ ނަތީޖާ އިޢުލާން ކުރާނީ ވޯޓުލި ދުވަހުގެ ޖެހިގެން އަންނަ ދުވަހު ކަމަށް އީސީން ބުންޏެވެ.

މި ރެފަރެންޑަމްގައި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ދެ ސުވާލެއް ކުރާއިރު، ފޭދޫގެ ރައްޔިތުންނަށް ކުރާނީ އެއް ސުވާލެކެވެ. ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމާނީ އެ ރަށަށް ޚާއްސަ ވަކި ކައުންސިލެއް އުފައްދަން ބޭނުންވޭތޯ، ނުވަތަ ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގަން ބޭނުންވޭތޯއެވެ. ފޭދޫގެ ރައްޔިތުންނަށް ކުރާ ސުވާލަކީ އެ ރަށަށް ޚާއްސަ ކައުންސިލެއް އުފެއްދުމާ ގުޅޭ ސުވާލެކެވެ.

ރައީސް މުއިއްޒު ވަނީ މި ވޯޓުގައި ސަރުކާރުން ވަކި ފަރާތަކަށް ބުރަ ނުވާނެ ކަމަށާއި، ރައްޔިތުންގެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.