ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބިފައިވާ ނަމަވެސް ކުރިން ބޭއްވި ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތު މާދަމާ ހައުސިން މިނިސްޓްރީގައި ބާއްވަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މި ގުރުއަތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00 ގައެވެ. މިއީ ނޮވެމްބަރު 16، 2023 ގައި ބޭއްވި ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ބާއްވާ ގުރުއަތެކެވެ.
މި ގުރުއަތުގައި ބައިވެރިވާނީ 73 އަށްވުރެ މަތީ މާކްސް ލިބިފައިވާ އަދި ދެކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ މަތީ މާކްސް ލިބިފައިވާ އަދި ތިންކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކުންނެވެ. އަދި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު ފްލެޓް ލިބޭ ފަރާތުންވެސް މި ގުރުއަތުގައި ބައިވެރިވެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުން އެބަދެއެވެ. މި ފްލެޓްތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެކޮޓަރީގެ 1،200 ފްލެޓާއި، 900 އަކަފޫޓުގެ ތިންކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ. މި ފްލެޓްތައް އިމާރާތްކުރާ މަސައްކަތް ކުރިއަށްދަނީ އިންޑިއާގެ ދެ ކުންފުންޏަކަށް ހަވާލުކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ