ކ. މާފުށީގައި 242 ކޮޓަރީގެ ސިޓީ ހޮޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، ހައްޖު ކޯޕަރޭޝަނުން އަލުން އިއުލާންކޮށްފި އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި މިދިޔަ އޮގަސްޓް 6 ގައި ކުރި އިއުލާން ބާތިލްކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހޮޓަލް އަޅައިދިނުމަށް އެކަށީގެންވާ ތަރުހީބު ނުލިބުމުންނެވެ. މަދުވެގެން ތިން ފަރާތަކުން ކުރިމަތިލާންޖެހޭ ނަމަވެސް އެ އަދަދު ހަމަނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަލުން އިއުލާންކޮށް، ބިޑިންގައި ރަޖިސްޓްރީވުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާއިރު، ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އިއުލާން ހުޅުވާލާފައި ވެއެވެ. މި ޕްރޮޖެކްޓު ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏަކަށްވާ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުންނެވެ. ރަޖިސްޓްރީވުމަށް 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރުގެ ފީއެއް ދައްކަންޖެހޭއިރު، ބިޑް ހުޅުވުން ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހަށެވެ.
ޝަކީލް ވިދާޅުވި ގޮތުގައި މި ހޮޓަލުގައި ޕޫލް އާއި ގެސްޓް ހައުސްތަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. މި ޕްރޮޖެކްޓު ފަށަން ނިންމާފައިވަނީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ކަމަށާއި، އެއީ ކޮންމެ ހައްޖުވެރިއަކަށް ލައްކަ ރުފިޔާއެއްހާ ހަރަދުވާއިރު މިހާރު ނަގަނީ 69،000 ރުފިޔާ އަށްވުރެ ދަށް އަގެއް ކަމުން ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނިން ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ދެކޮޅު ހައްދަވައިފަ އެވެ.
ކޮމެންޓު ފޮނުވާ