މިމަހުގެ 3 ވަނަ ދުވަހުގެރޭ އެމްޑީޕީން ބާއްވާފައިވާ މުޒާހަރާގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން އަންނަ މީހާގެ ސިއްހީ ހާލަތު އާންމުކޮށް އައިޖީއެމްއެޗުން ނެރުނު ބަޔާން ސިއްހީ ހިދުމަތުގެ ގާނޫނާ ހިލާފަށް ކަމަށް ބައެއް ވަކީލުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށް ހާޓް އެޓޭކް ޖެހި ހާލު ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅުވެ މިހާރު ސީސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފައިވެއެވެ. ނަމަވެސް ރަސްލާންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާގެ ހާލު ސްޓޭބަލް ނޫން ކަމަށާއި އިތުރު ސާޖަރީތަކެއް ކުރުމުގެ މަސައްކަތް ޑޮކްޓަރުން ކުރަމުން އަންނަ ކަމަށެވެ.
ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އައިޖީއެމްއެޗުން ރަސްލާންގެ ހާލަތާ ގުޅޭ ގޮތުން ނެރުނު ބަޔާން ސިއްހީ ހިދުމަތުގެ ގާނޫނުގެ 40 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެ މާއްދާގައި ވަނީ ބަލިމީހެއްގެ ސިއްހީ ހާލަތާއި ފަރުވާއާ ގުޅޭ މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތުކަމަށް ބަޔާންކޮށް، ބަލިމީހާގެ ހުއްދަ ނުވަތަ ކޯޓު އަމުރެއް ނެތި އެފަދަ މައުލޫމާތު ކަމާބެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަނުކުރުމަށް ބަޔާންކޮށްފައެވެ.
މި މާއްދާއާ ހިލާފަށް އަމަލުކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ކުށުގެ އަދަބަކީ 10،000 ރުފިޔާއިން 100،000 ރުފިޔާއަށް ޖޫރިމަނާކުރުމެވެ. ތަކުރާރުކޮށް މި ކުށް ކުރި ނަމަ ޖޫރިމަނާގެ އިތުރުން އެއް އަހަރާ ހަމައަށް ޖަލަށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާނެ ކަމަށް ގާނޫނުގައިވެއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހާޓް އެޓޭކް އާންމުކޮށް ޖެހެނީ ހިތުގެ ލޭހޮޅިތައް ބެދި ލޭ ހޮޅިއަކުން ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށާއި، އެއީ ސިއްހީ އެހެން މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫވެ ސްޓްރެސް ރެސްޕޮންސްތައް އަތުވެދާނެ ނަމަވެސް، ޕެޕާސްޕްރޭއަކީ ސީދާ ހާޓް އެޓޭކް ޖައްސާލާ އެއްޗެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ