މީޑިއާ ކޮމިޝަންގެ އިންތިހާބަށް ހަ ފަރާތަކުން ނަން ހުށަހަޅައިފި

މީޑިއާ ކޮމިޝަންގެ އިންތިހާބަށް ހަ ފަރާތަކުން ނަން ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2025 01:44
0

އަލަށް އުފެދުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ ހަ ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފައިވެއެވެ. މިއަދުގެ 14:00 ގައި ކެންޑިޑޭޓުން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އީސީން ބުނީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ހަތަރު ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންދިއުމަށް އެދިފައިވާ ކަމަށްވެސް އީސީން ބުންޏެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ދެ ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު، ކެންޑިޑަސީ ގަބޫލުކޮށްފައިވަނީ އެއް ބޭފުޅެއްގެ ކަމަށެވެ.

އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފެއްދި މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން 16:00 އަށް މާލޭގައި ކަމަށް އީސީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.