އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހާޓްއެޓޭކެއް ޖެހި ފަރުވާދެމުން ދިޔަ މީހާގެ ހާލު މިހާރު ރަނގަޅުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. ހާޓްއެޓޭކް ޖެހި ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އެވެ. ރޭ އައިސީޔޫގައި ފަރުވާދިނުމަށްފަހު އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ސީސީޔޫއަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ބޭނުންކުރި ޕެޕާ ސްޕްރޭއަކީ ސީދާ ހާޓްއެޓޭކް ޖެހެން މެދުވެރިވާނެ އެއްޗެއް ނޫން ކަމަށެވެ. ހާޓްއެޓޭކް އާންމުކޮށް ޖެހެނީ ހިތުގެ ލޭހޮޅިތައް ބެދި ލޭ ފޮނުވުން ހުއްޓުމުގެ ސަބަބުން ކަމަށާއި މިއީ ބަލިމީހާގެ ސިއްހީ އެހެން މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫވެ ސްޓްރެސް ރެސްޕޮންސް އަރާނަމަވެސް، އެއީ ސީދާ ހާޓްއެޓޭކް ޖެހޭ ފަދަ އެއްޗެއް ނޫން ކަމަށް ބަޔާނުގައި ވެ އެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ބޭނުންކުރި ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ސޮނިކް ވެޕަން އާލާތުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ މައްސަލަތައް ދިމާވި ކަމުގެ ޝަކުވާ ވަނީ ކުރެވިފަ އެވެ. މި އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ނެތް ކަމަށާއި ފުލުހުންނަށް މި އާލާތް ބޭނުންކުރަން ހުއްދައެއް ނެތް ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނި ނަމަވެސް، ފުލުހުން ބުނީ މި އާލާތް ބޭނުންކޮށްފައިވަނީ ގާނޫނާއި ގަވާއިދުގައި ހުއްދަކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.
މުޒާހަރާ ކޮންޓްރޯލްކުރަން އުޅުނު ތިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އާޓިފިޝަލް ބީޗުން ފެށި މުޒާހަރާ ހުއްޓުވައި 15 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ