އެމެރިކާގެ ރިިޔާސީ އިންތިހާބް ޖޯ ބައިޑެން، ކާމިޔާބު ކުރެއްވި ކަމަށް އެމެރިކާގެ ކޮންގްރެސް އިން ނިންމައިފި އެވެ.
މި ނިންމުމާއެކު މިހާރުގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަލިގަބޫލުކުރައްވާ، ގޮތްދޫކުރައްވާފައެވެ. އަދި ބާރުތަށް ބަދަލުކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް ޓްރަމްޕް ވަނީ ނިންމަވާފައެވެ.
ޓްރަމްޕް މިގޮތަށް ނިންމަވާ ވަނީ ބަޔާނެއް ނެރުއްވާފައެވެ. ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑެންއަށް ބާރުތައް ހަވާލު ކުރުމުގެ ކަންކަން އަމާންކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ވާހަކަ ދައްކަމުން ދިޔަ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރަމުން ދިޔައީ ކޮންގްރެސްގެ ތެރެއިން އިންތިހާބުގެ ނަތީޖާ ކަށަވަރުނުވާ ކަމަށް ކަނޑައެޅުމަށެވެ.
ކޮންގްރެސްގައި މިއަދު ނެގި ވޯޓް ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްރަމްޕް ވާހަކަ ދެއްކުމާ ގުޅިގެން ފަހުން ޓްރަމްޕަށް ތާއީދުކޮށް ކޮންގްރެސްގައި ތިބި މެންބަރުންގެ އަދަދުވެސް މަދުވިއެވެ.

މި ހަމަނުޖެހުންތަކަށް ފަހުގައި ވެސް އެމެރިކާގެ ކޮންގްރެސްގެ ވޯޓް ލުން ނިންމައި، ޓްރަމްޕްގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑަންއާއި އިންތިހާބީ ނައިބު ރައީސާ ކަމަލާ ހައްރިސްއަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ގޮތުގައި އިއުލާން ކުރައްވައިފައެވެ.
ރައީސް ޓްރަމްޕް ނެރުއްވި ބަޔާނުގައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލު ނުކުރި ނަމަވެސް ބައިޑައިންއަށް ވެރިކަމުގެ ބާރު ހަވާލު ކުރުމަށް އެއްބަސްވީ ގައުމުގެ ސުލްހަ މަސަލަސްކަމަށް ބައްލަވާފައި ކަމަށެވެ. އަދި އިންތިހާބު "ވަގަށް ނެގި" މައްސަލަ ބަލައި އިންސާފު ލިބެންދެން މަސައްކަތް ދޫކޮށްނުލާނެ ކަމަށާއި އެމެރިކާ އަނެއްކާ ވެސް ވަރުގަދަ ގައުމެއްގެ ގޮތުގައި ގެނެވުމަށް ކުރާ މަސައްކަތް ވެސް ދޫކޮށްނުލާނެ ކަމަށް ޓްރަމްޕް ގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ