ބީއެމްއެލްއިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ ޑައުންޕޭމަންޓް 5 ޕަސަންޓަށް ދަށްކޮށްފި

ބީއެމްއެލްއިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ ޑައުންޕޭމަންޓް 5 ޕަސަންޓަށް ދަށްކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 08:51
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ގެދޮރު ގަންނަން ބޭނުންވާ ދިވެހިންނަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ހައުސިންގ ފައިނޭންސިންގ ނަގާއިރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވަރަށް ބޮޑު މިންވަރަކަށް ކުޑަކޮށްފައެވެ. މިގޮތުން ކުރީގައި 20 ޕަސަންޓް ކަމުގައިވި ޑައުންޕޭމަންޓް މިހާރު ވަނީ 5 ޕަސަންޓަށް ދަށްކޮށްފައެވެ.

މި ބަދަލަކީ ގެދޮރުވެރިކަން ހޯދަން އުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ބަދަލެއް ކަމަށް ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ނިންމުމުން ގެދޮރުވެރިވުމަށް އެދޭ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު މާލީ ގޮންޖެހުން ޙައްލުވެގެންދާނެއެވެ.

ޝަރީފް ދެއްވި މިސާލެއްގައި ވިދާޅުވީ، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަތުމަށް މިހާތަނަށް 700,000 ރުފިޔާ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ކަމަށެވެ. ނަމަވެސް އައު ސިޔާސަތުގެ ދަށުން މި އަދަދު 175,000 ރުފިޔާއަށް ދަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 525,000 ރުފިޔާގެ ތަފާތެކެވެ.

ބީއެމްއެލްއިން ގެދޮރުވެރިކަމަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރަމުންދާ ތެރޭގައި، ދާދި ފަހުން ބޭންކުން ވަނީ އިތުރު ބަދަލެއްވެސް ގެނެސްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް އިތުރު ރަހުނެއް ނުބަހައްޓާ ނެގޭ ލޯނުގެ އެންމެ މަތީ އަދަދު 3 މިލިއަން ރުފިޔާއަށް މަތިކޮށްފައިވެއެވެ.

ދިވެހި އާއިލާތަކުގެ ގެދޮރުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މި މަސައްކަތްތަކުން، ގިނަ އަދަދެއްގެ ދިވެހިންނަށް އަމިއްލަ ގެދޮރެއްގެ ވެރިންނަށްވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.