މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 18 ވަނަ ދުވަހު އުފެއްދެވި މި ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ އާ ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓްކުރުމަށް އުފައްދަވާފައިވާ މުއައްސަސާއެކެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަނުގައި ހިމެނެނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި، އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުމާއެކު، މީޑިއާގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއް ކަމުގައި ވެގެންނުވާނެއެވެ.
ހަމައެހެންމެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް، ރިޝްވަތުގެ ކުށެއް ނުވަތަ އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި، ދަރަނީގެ ރެކޯޑު، ވަނަވަރު، ތައުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ބޭނުންވާ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
ކޮމެންޓު ފޮނުވާ