ގއ. މާމެންދޫގައި 2021 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ލިލީ އޮފްދަ ވެލީ، 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، މަރުގެ ޙުކުމް ކްރިމިނަލް ކޯޓުން މިއަދު ކޮށްފިއެވެ.
08 ފެބްރުވަރީ 2021 ގައި މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މި ހާދިސާގައި އުދައްޔުގެ ހަށިގަނޑަށް ދަގަނޑާއި ވަޅިން ތަކުރާރުކޮށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެއެވެ. އުދައްޔު ނިޔާވީ ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ލިބެމުން ދަނިކޮށެވެ.
މި މައްސަލައިގައި ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. މީގެ އިތުރުން ޝަރަފް ރަޝީދުގެ މައްޗަށް ވެސް ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، އުދައްޔުގެ ވާރިސުން ބޭނުންވަނީ ޤިޞާޞް ހިފުމަށް ކަމަށާއި، އެ ގޮތުން ޝަމީމާއި މާޒިންގެ މައްޗަށް މަރުގެ ޙުކުމް ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ޙުކުމެއް ކުރިން ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކްރިމިނަލް ކޯޓުން މަރުގެ ޙުކުމް ކޮށްފައިވީ ނަމަވެސް، މި ޙުކުމް ތަންފީޒުކުރެވޭނީ އިސްތިއުނާފުގެ ހުރިހާ މަރުޙަލާތަކެއް ނިމި، ޙުކުމް ޔަޤީންވުމަށްފަހުގައެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުޞަތު ޙުކުމްކުރެވުނު ފަރާތްތަކަށް ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ