މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުންގެ އަތުން 1246 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނީ މާލެ، މއ. މަޒާގެ، މުހައްމަދު އައިޝް އަހްމަދު (34އ)، މާލެ، މއ. މަޒާގެ، އާމިނަތު އިއްލިއްޔީން އަހްމަދު (25އ) އަދި ހދ. ކުޅުދުއްފުށި، މަރިޔާޒް، އިނާޔަތު އަލީ (34އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި މި ތިން މީހުންނާ ގުޅުން ހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ގެތަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ.
ކްރިމިނަލް ކޯޓަށް މި ތިން މީހުން ހާޒިރުކުރުމުން، މުހައްމަދު އައިޝް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އާމިނަތު އިއްލިއްޔީނާއި އިނާޔަތު އަލީ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، އިނާޔަތު އަލީ އާއި އާމިނަތު އިއްލިއްޔީންގެ ކުޑަކަމުގެ ސާމްޕަލް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. އިތުރަށް އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެތި އަދި ދުންފަތާ އެއްކޮށްފައިވާ ބިޑިއެއް ވެސް ފެނިފައިވާކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ