ތިނަދޫގައި ކުޑަކުދިންނަށް ހުތުރުބަހުން ޒުވާބުކުރި މައްސަލައިގައި ހައްޔަރުކުރި އަންހެނަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ތިނަދޫގައި ކުޑަކުދިންނަށް ހުތުރުބަހުން ޒުވާބުކުރި މައްސަލައިގައި ހައްޔަރުކުރި އަންހެނަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

Author
ޙަސަން މުޙައްމަދު
27 ސެޕްޓެމްބަރ 2025 01:00
0

ގދ. ތިނަދޫގައި ހުއްދަނެތި ގެއަކަށް ވަދެ ކުޑަކުދިންތަކަކަށް ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި ޓިކްޓޮކްގައި މަޝްހޫރު އަންހެނަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ. މި މައްސަލަ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭއެވެ.

ފުލުހުން މަޢުލޫމާތު ދިނުމުން އެނގުނު ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ފޫޓް ލައިޓް އާގޭ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 14:32 ގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ފޭޒްލީން ހައްޔަރުކުރެވުނީ ހުއްދަނެތި ގެއަކަށް ވަދެ، އެތާނގައި ތިބި ކުޑަކުދިންތަކަކަށް ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގުމުގެ އިންޒާރު ދިންކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނިންމާފައިވަނީ 10 ގަޑިއިރުގެ ތެރޭގައި 10،000 ރުފިޔާ ކޯޓުގައި ބަހައްޓައިގެން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް އެ ފައިސާ ބެހެއްޓުމަށް އޭނާއަށް ނުކުޅެދިއްޖެނަމަ، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުން މިފަދަ މައްސަލަތައް މަދުން ނަމަވެސް ރިޕޯޓުކުރަމުން އަންނައިރު، ގެވެށި އަނިޔާކުރުމާއި، ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ފެންނަ ގޮތަށް ކަމެއް ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމުގައި ބެލެވެއެވެ. އަދި އެހެން މީހުންނަށް ބިރުދެއްކުމާއި އިންޒާރު ދިނުން ވެސް ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.