މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ޑީޖޭއޭގެ އިއުލާނެއްގައި ބުނެފައިވާ ގޮތުން، މީޑިއާ ކޮމިޝަނުގެ އިންތިހާބަށް ކުރިމަތިލުމަށް ރެކޯޑު ސާފުކުރަން އެދޭ ފަރާތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ކޯޓުތަކާ ގުޅިގެން މަސައްކަތްކުރަމުން ދާކަމަށެވެ. އެހެންނަމަވެސް، އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާބޭސް މެދުވެރިކޮށް ރެކޯޑު ސާފުކުރާއިރު، ރާއްޖޭގެ އެންމެހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް ރެކޯޑު ޕޯޓަލަށް އަދި އަޕްޑޭޓް ކުރެވިފައި ނުވާކަން ޑީޖޭއޭން ފާހަގަކުރެއެވެ.
މި ސަބަބުން ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރަންޖެހުމުން ގިނަ ވަގުތު ހޭދަވާނެކަމަށް ޑީޖޭއޭން ބުނެއެވެ. އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ 13:00 ގެ ފަހުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތަށް ނުނިމިދާނެކަމުގެ އިންޒާރު ވެސް ޑީޖޭއޭން ދީފައިވެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނުގެ ތެރެއިން ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާއިރު، ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ ބްރޯޑްކާސްޓަރުންގެ ފަރާތުން ދެ މެންބަރުންނާއި، މީޑިއާތަކުގެ ފަރާތުން ދެ މެންބަރުން ހޮވުމަށެވެ.
މި މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ. ހުކުރު ދުވަސް ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށާއި، ހުކުރު ދުވަހު މެންދުރުފަހު 3:00 އިން 5:00 އަށް ފޯމު ބަލައިގަންނާނެކަމަށް އީސީން ބުނެއެވެ. ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ ޕޯޓް ކޮމްޕްލެކްސްގައި ހުންނަ އޮފީހުގެ ފަސްވަނަ ފްލޯއަށް ކަމަށް ވެސް އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ