ޔަމަނުގެ ޙޫޘީން އިސްރާއީލުގެ އުންމު އަލް-ރަޝްރަޝްއަށް ޑްރޯން ޙަމަލާގައި އެކަކު މަރުވެ 50 މީހުން ޒަޚަމްވެއްޖެ

ޔަމަނުގެ ޙޫޘީން އިސްރާއީލުގެ އުންމު އަލް-ރަޝްރަޝްއަށް ޑްރޯން ޙަމަލާގައި އެކަކު މަރުވެ 50 މީހުން ޒަޚަމްވެއްޖެ

Author
އަހުމަދު
25 ސެޕްޓެމްބަރ 2025 09:50
0

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޔަމަނުގެ ޙޫޘީ ޖަމާޢަތުން އިސްރާއީލުގެ މުހިންމު ޝަހަރެއް ކަމަށްވާ އުންމު އަލް-ރަޝްރަޝްއަށް ޑްރޯން ޙަމަލާއެއް ދީފައިވެއެވެ. މި ޙަމަލާގައި މީހަކު މަރުވެ، 50 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޢުރުދުނާއި މިޞްރާ އެކު ސަރަޙައްދު ބަހާލާފައިވާ މި ޝަހަރަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ޙާލަތު ވަރަށް ނާޒުކު ކަމަށް ޚަބަރު ލިބެއެވެ. އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުން މި ޑްރޯން ހުއްޓުވުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ޙޫޘީ ޖަމާޢަތުން ބުނެފައިވަނީ، މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލަށް އަމާޒުކޮށް ދިން ދެވަނަ ޙަމަލާ ކަމަށެވެ. މީގެ ކުރިން މި ހަފްތާގެ ތެރޭގައި އީލާތުގެ ފަތުރުވެރިކަމުގެ ސަރަޙައްދަށް ވެސް އެފަދަ ޙަމަލާއެއް ދީފައިވީ ނަމަވެސް، އެ ޙަމަލާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ، ނޮވެމްބަރު މަހުން ފެށިގެން ޙޫޘީ ޖަމާޢަތުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކަމަށް ބުނެ، އިސްރާއީލާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ.

މި ޖަމާޢަތުން ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ގިނަ ޙަމަލާތަކެއް ދީފައިވާއިރު، މިހާތަނަށް ހަތަރު އުޅަނދު ބުއްދާލުމަށް ވަނީ ކާމިޔާބު ވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މަގުތައް ބަދަލުކުރަން މަޖުބޫރުވެ، ދަތުރުތައް ދިގުވުމާއެކު ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ.

މި ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުން ވެސް ޔަމަނުގައި ޙޫޘީންގެ ތަންތަނަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދެމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.