މ. ދިއްގަރުގެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 17.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިމި، ރަސްމީކޮށް ނިންމުން ފާހަގަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި މި މަޝްރޫޢުގެ ނިންމުން ރަސްމީކޮށް ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތަލިބު، މަޝްރޫޢު ނިމުނުކަން ފާހަގަކުރުމުގެ ގޮތުން ދިއްގަރު ކައުންސިލާ ޚާއްޞަ ފިލައެއް ހަވާލުކުރެއްވިއެވެ.
ސަރުކާރުން 17،573،409 ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ 323 ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްފައެވެ. މަޝްރޫޢުގެ ދަށުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ގޮތުގައި 700 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭއިރު، މީގެ ތެރޭގައި 70 މީޓަރުގެ ދިހަ ގްރޮއިން ހިމެނެއެވެ. މީގެ އިތުރުން 138 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި 332 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ފުރިހަމަކޮށްފައިވެއެވެ.
ދިއްގަރުގެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢަކީ އެރަށުގެ ސަރަޙައްދު ކާރިސާތަކުން ރައްކާތެރިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ