މީޑިއާ ކޮމިޝަނުގެ ވަގުތީ މެންބަރުންގެ ގޮތުގައި ސިވިލް ސަރވިސްގެ ފަސް ބޭފުޅުން އައްޔަންކުރައްވައިފި

މީޑިއާ ކޮމިޝަނުގެ ވަގުތީ މެންބަރުންގެ ގޮތުގައި ސިވިލް ސަރވިސްގެ ފަސް ބޭފުޅުން އައްޔަންކުރައްވައިފި

Author
ޙަސަން މުޙައްމަދު
21 ސެޕްޓެމްބަރ 2025 03:03
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަގުތީ މެންބަރުން އައްޔަންކުރައްވައިފިއެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދާއިމީ ކޮމިޝަން އެކުލަވައިލެވި، އެ ކޮމިޝަނުގެ މެންބަރުން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މި ވަގުތީ މެންބަރުންނަކީ ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގައި މަސައްކަތްކުރައްވާ ޑިރެކްޓަރ ޖެނެރަލް ފެށިގެން މަތީ މަގާމުތަކުގައި ހުންނެވި ބޭފުޅުންނެވެ.

ވަގުތީ ކޮމިޝަނަށް އައްޔަންކުރެވިފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ، ސިޓީސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މައުސޫމް، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ އަދި ޔޫތު މިނިސްޓްރީގެ ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުޙައްމަދެވެ.

ގާނޫނުގައި ބުނާ ގޮތުން، މި ފަސް މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު ކަނޑައެޅޭނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަގުތީ ކޮމިޝަން އެކުލަވައިލުމަށްފަހު، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ހަތް މެންބަރުން ހިމެނޭ ދާއިމީ ކޮމިޝަނެއް އެކުލަވައިލަން ޖެހެއެވެ. ދާއިމީ ކޮމިޝަނުގެ ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ މުސްތަގިއްލު މުއައްސަސާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.