ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި ޕީއެންއެފް، އެމްޑީޕީ އާއި އިތުރު ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުވާކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ފާހަގަކުރެއްވީ، މިހާރުގެ ސަރުކާރު ހަމަމަގުން ބޭރުވެފައިވާކަމަށާއި، މިކަމާ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެހެން ޕާޓީތަކާ އެކުގައި މަސައްކަތްކުރާނެކަމަށެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއް ޕްލެޓްފޯމަކަށް އެއްބާރުލުން ދިނުމުގެ މާނައަކީ، ހުރިހާ ޕާޓީތަކުގެ ފަލްސަފާ އާއި ސިޔާސަތުތައް އެއްގޮތްވުން ނޫންކަން އަދާލަތު ޕާޓީން ގަބޫލުކުރާކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ސަރުކާރެއް ވެރިކަމުގައި ހުރިނަމަވެސް، އެ ސަރުކާރެއް ރަނގަޅު މަގުން ބޭރުވެއްޖެނަމަ އެކަން ފާހަގަކޮށް އަޑުއުފުލުމަކީ އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ފާހަގަކުރެއްވި ފަދައިން، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި، މި ޒިންމާ އަދާކުރުމުގައި އަދާލަތު ޕާޓީން އެހެން ޕާޓީތަކާ އެކު ދެމިތިބޭނެކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ މި ބަޔާން އައިސްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ އޮފީހުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޔާމީން ވިދާޅުވެފައިވަނީ ސަރުކާރު ހަމަމަގުން ބޭރުވެއްޖެނަމަ އިދިކޮޅުގެ ހުރިހާ ޕާޓީތަކަށް އެ ވާހަކަދެއްކުމަށް އެއް ޕްލެޓްފޯމަކަށް އައުމަށް ފުރުޞަތު އޮތްކަމަށާއި، ސަރުކާރުގެ ގޯސް ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ހިތްވަރު ދެއްވާކަމަށެވެ.
ކޮމެންޓު ފޮނުވާ