މާލޭގެ ތިން އެޕާޓްމަންޓުން ބޮޑު އަދަދެއްގެ ބަނގުރާ ފެނި ތިން ބިދޭސީން ހައްޔަރު ކޮށްފި

މާލޭގެ ތިން އެޕާޓްމަންޓުން ބޮޑު އަދަދެއްގެ ބަނގުރާ ފެނި ތިން ބިދޭސީން ހައްޔަރު ކޮށްފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2025 09:33
0

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއް ފުލުހުން ހޯދައިފިއެވެ. މި އޮޕަރޭޝަނުގައި ތިން ބިދޭސީން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައިވެއެވެ.

ސެޕްޓެންބަރު 17 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ގުޅިގެން ހިންގި މި ޚާއްސަ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓް ބަލައިފާސްކުރިއެވެ.

ފުލުހުން މައުލޫމާތު ދިނުމުން އެނގުނު ގޮތުގައި، މި ބަލައިފާސްކުރުމުގެ ތެރެއިން ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ހަ ފުޅިއާއި، 500 އެމްއެލްގެ 78 ފުޅި ފެނިފައިވެއެވެ. މީގެ އިތުރުން 22 ޓައްޕު ވެސް އަތުލައިގަނެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ޝައްކުކުރެވޭ 29,000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 100 އެމެރިކާ ޑޮލަރު ވެސް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ބަންގްލަދޭޝް މީހާ ސައްބިރް ހޮސައިންއާއި، 52 އަހަރުގެ ބަންގްލަދޭޝް މީހާ މުހައްމަދު ބަދަލްއާއި، 20 އަހަރުގެ އިންޑިއާ މީހާ ރާޖު ދަސް އެވެ. މި ތިން މީހުންނަށް ތުހުމަތުކުރެވެނީ ގަވާއިދާ ޚިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތީގެ ވިޔަފާރިކުރި ކަމުގެ ކުށެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ތިން ބިދޭސީން މިހާރުވަނީ ރާއްޖެއިން ޑީޕޯޓުކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.