2020 ވަނަ އަހަރު ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި މައިގަނޑު ރޯލެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ ޝަހީބު އިބްރާހީމް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި އޭނާ ހޯދުމަށް ފުލުހުން ފުރަތަމަ ފަހަރަށް އިއުލާނުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ އަދިވެސް ފެނިފައިނުވާތީ މިއަދު ދެވަނަ ފަހަރަށް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ މައުލޫމާތު ދިނުމުގައިވާ ގޮތުން، ޝަހީބު ހޯދަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ކޯޓުން މި އަމުރު ކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ޖެހިފައިވީ ނަމަވެސް، އެކަން ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށެވެ.
ޝަހީބާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އޮތް މަސްދޯންޏަކުން ފުލުހުން 130 ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި ޖުމްލަ ހަތް މީހަކު ހައްޔަރުކުރިއެވެ. މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބު އިބްރާހީމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓާއި ސުޕްރީމް ކޯޓުން ދަމަހައްޓި ނަމަވެސް، 2022 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ދޫކޮށްލައިފައިވެއެވެ.
އެ ދެމީހުން ދޫކޮށްލި އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވެފައިވަނީ، ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ދައުލަތަށް އެތައް ފުރުސަތުތަކެއް ދީފައިވީނަމަވެސް، ދައުލަތުން އެކަން ކޮށްފައިނުވާތީ ބޭސްފަރުވާއަށް ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމި ކަމަށެވެ. އެހެންނަމަވެސް މިހާރު ޝަހީބު ފެނިފައިނުވާތީ ކޯޓަށް ހާޒިރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ކޮމެންޓު ފޮނުވާ