ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ވިއްކައި ގަންނަން މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވެއެވެ.
މި ސެޕްޓެންބަރު 16 ވަނަ ދުވަހު ހައްޔަރުކުރެވުނީ 30 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ރަފިޤުލް އިސްލާމްއެވެ. އޭނާ ހައްޔަރުކުރެވުނީ އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތަކުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ރަފިޤުލް އިސްލާމްއަކީ ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ މީހެއްކަން ތަހުގީގުން އެނގިފައިވެއެވެ. ޓޫރިސްޓު ޕޮލިހުން އޭނާގެ ގައިން ކުރި ބަލައިފާސްކުރުމުގައި 68،000 ރުފިޔާއަށްވުރެ ގިނަ ދިވެހި ފައިސާއާއި، 1700 ޑޮލަރަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އިތުރުން އެހެން ގައުމުތަކުގެ ފައިސާވެސް ފެނިފައިވެއެވެ.
ރަފިޤުލް އިސްލާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. މިހާރު މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ