ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބުނު 588 މީހަކު މިހާތަނަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފި އެވެ. މި މަހުގެ 7 ވަނަ ދުވަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލި ފަހުން، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި އަދަދަށް މީހުން ފައިސާ ދައްކާފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ދެ ކޮޓަރީގެ އަދި ތިން ކޮޓަރީގެ ފްލެޓްތައް ހިމެނެ އެވެ. ދެ ކޮޓަރީގެ ފްލެޓްތައް މަހަކު 7،000 ރުފިޔާއަށް ކުއްޔަށް ދޫކުރާއިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާ އެވެ. މި ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާ އެވެ.
ތިން ކޮޓަރީގެ ފްލެޓްތަކަށް މަހެއްގެ ކުލީގެ ގޮތުގައި ނަގާނީ 9،500 ރުފިޔާ އެވެ. މީގެ އިތުރުން މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އާއި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
ފްލެޓްތައް ނިމުމުގެ ތަރުތީބުން ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން ދާ ކަމަށާއި، މިހާތަނަށް 3،000 އަށް ގާތްކުރާ އަދަދެއްގެ މީހުންނާ އެކު ސޮއިކޮށް ނިމިފައިވާ ކަމަށް އެފްޑީސީން މަޢުލޫމާތު ދިން އެވެ. އެއްބަސްވުމުގައި ސޮއިކޮށް ނިމޭ ފަރާތްތަކަށް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކޭނެ ކަމުގެ މެސެޖު ފޮނުވަމުން ދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު ފަރާތްތަކަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާ ކަމަށާއި، މި މަސައްކަތް ވެސް ކުރިއަށް ގެންދަނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެފްޑީސީން ހާމަކުރި އެވެ. ނަމަވެސް މިހާތަނަށް ތަޅުދަނޑި ހަވާލުކުރުމަށް ތާވަލް ކޮށްފައި ވަނީ ހަމައެކަނި އެއް މީހަކާ އެކު ކަމަށް ހަމްދާން ވިދާޅުވި އެވެ.
ތަޅުދަނޑި ހަވާލުވުމަށް ދާންޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި، މުޅި ޕްރޮސެސް ހިނގަމުންދާ ގޮތް އެފްޑީސީގެ ޕޯޓަލުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދިން އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 17-18 ބުރީގެ 32 ޓަވަރެއްގައި ޖުމުލަ 4،000 ފްލެޓް އިމާރާތް ކުރަމުން ދާއިރު، މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަވެފަ އެވެ.
ކޮމެންޓު ފޮނުވާ