ގެދޮރުވެރިޔާ މަޝްރޫޢުގެ 4000 ފްލެޓުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ

ގެދޮރުވެރިޔާ މަޝްރޫޢުގެ 4000 ފްލެޓުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ

Author
ހުސައިން
10 ސެޕްޓެމްބަރ 2025 06:07
0

ގެދޮރުވެރިޔާ ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތަޅުދަނޑިތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފެށޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިޢުލާންކޮށްފިއެވެ.

އެފްޑީސީން ބުނި ގޮތުގައި، ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ލިބޭނީ އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 14 ވަނަ ޓަވަރުގެ ފްލެޓް ވެރިންނަށެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު 3,032 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު އެފްޑީސީން މިހާރު ހުޅުވާލައިފިކަމާއި، އެއްބަސްވުމުގައި ސޮއިކޮށް ނިމުނު ފަރާތްތަކަށް އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މި ފައިސާ ދެއްކޭނެކަމަށް އެ ކޯޕަރޭޝަނުން އަންގާފައިވެއެވެ. ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާ ކަމަށް ވީނަމަވެސް، މި ފައިސާ ދެއްކުމަށް ވަކި ސުންގަޑިއެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުލި ކަނޑައެޅިފައިވަނީ 8,000 ރުފިޔާއަށެވެ. މީގެ ތެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ ހިމެނޭއިރު، މި ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 15,000 ރުފިޔާއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލި ކަނޑައެޅިފައިވަނީ މެއިންޓެނަންސް ފީ ހިމަނައިގެން 11,000 ރުފިޔާއަށް ކަމަށާއި، މި ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 25,000 ރުފިޔާ ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.