ޤަތަރުގެ ވެރިރަށް ދޯހާގައި ހަމާސް ޖަމާއަތުގެ އިސް މެންބަރުންނަށް އަމާޒުކޮށް އިސްރާއީލުން އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޑު ކިޔައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޓްރަމްޕް ހާމަކުރެއްވީ، މި ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިއަކު ލިބިވަޑައިނުގަންނަވާ ކަމަށާއި، މިކަމަކީ ނަތަންޔާހޫ އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. "މިއީ އަހަރެންގެ ނިންމުމެއް ނޫން. އަހަރެން މި މައްސަލައާ މެދު ހިތްހަމަނުޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ.
ޤަތަރަކީ އެމެރިކާގެ ވަރުގަދަ ރަޙުމަތްތެރިއެއް ކަމަށް ފާހަގަކުރައްވައި، ޓްރަމްޕް ވިދާޅުވީ މި ހަމަލާއާ މެދު ހިތާމަކުރައްވާ ކަމަށެވެ. މީގެ އިތުރުން، ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީއަށް، ޤަތަރުގެ ބިމުގައި މިފަދަ ކަމެއް އަލުން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ.
ޣައްޒާ ހަނގުރާމަ ނިންމުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޤަތަރުން ވަނީ މި ހަމަލާ ކުށްވެރިކޮށް، ދިފާއުވުމުގެ ހައްގު އޮތް ކަމަށް ބުނެފައެވެ. ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ހާމަކުރީ، ހަމަލާގެ އެއްވެސް އިންޒާރެއް ލިބިފައިނުވާ ކަމަށާއި، އެމެރިކާގެ އޮފިޝަލުން ފޯނުކުރި ވަގުތު ދޯހާގައި ހަމަލާގެ އަޑުތައް އިވެމުންދިޔަ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ހަމާސްގެ ބެލުމުގައި ތިބި ރަހީނުން މިނިވަންކުރަން ބޭނުންވާ ކަމަށް ނަމަވެސް، މިކަން ވެގެންދިޔަ ގޮތާ މެދު ކަންބޮޑުވުން އޮތް ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް، ޤަތަރާ އެކު ދިފާއީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އަންގަވާފައިވާ ކަމަށް ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.
މެދުއިރުމަތީގައި، އެމެރިކާގެ އެންމެ ބޮޑު އެއާ ބޭސް އޮންނަ ޤަތަރާއި އެމެރިކާއާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ. މިއަހަރު ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެން، ދެ ޤައުމުގެ ގުޅުން ބަދަހިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ