ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފި

Author
ޙަސަން މުޙައްމަދު
08 ސެޕްޓެމްބަރ 2025 07:31
0

ރޭ ރާއްޖެއަށް ފެނުނު ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 23:12ގައި ކޭތަ ނަމާދު އަދާކޮށްފިއެވެ.

ކޭތަ ނަމާދުގެ ޚުތުބާގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ކުރެއްވި ކޭތަ ނަމާދުގެ ޚުތުބާއަށް އަލިއަޅުވާލައްވައި، ކޭތަހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކާހެދި ނޫންކަމާއި، މީސްތަކުންގެ ކުށްތަކާއި އުރެދުންތައް ގިނަވުމުން މާތް ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢުވުމަށް ކުރެވޭ އިންޒާރެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ކަންކަމަށް ހެއްލި އާޚިރަތާމެދު ފަރުވާ ކުޑަކޮށް ދުންޔަވީ އުފާފާގަތި ދިރިއުޅުން އިސްކުރުމަކީވެސް ކޭތަހިފުމަށް މެދުވެރިވާ ސަބަބެއްކަން ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި މާތް ﷲގެ ވަހީ ބަސްފުޅުން އިސްތިޝްހާދު ކުރައްވަމުން ވިދާޅުވީ "މާތްﷲގެ އަޅުތަކުންނޭވެ! ކައުނު ފަސާދަވެ، ދުނިޔެ ޚަރާބުވަނީ ތަފާތު ކުށްތައް ގިނަވުމުގެ ސަބަބުންނެވެ. އަދި ބިން އިސްލާޙްކުރެއްވުމަށް ފަހު ތިޔަބައިމީހުން އެ ބިމުގައި ފަސާދަނުކުރާށެވެ! އަދި މާތް ﷲއަށް ބިރުވެތިވެ އެކަލާނގެ ރަޙްމަތަށް އެދޭޙާލު، އެކަލޭނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ. ހަމަކަށަވަރުން ﷲގެ ރަޙްމަތްފުޅު ވަނީ އިޙްސާންތެރިންނާ ގާތުގައެވެ."

ޤިޔާމަތް ދުވަހު ފެށޭނީ ވަރުގަދަ ބިންހެލުމަކާއި ހަނދު ކޭތަހިފުމަކާއި ތަރިތައް ވެއްޓި ބުރައިގެންދާ ދިޔުމަކުންކަން ހަނދާންކޮށްދެއްވި ޚުތުބާގައި، ކޭތަހިފުންފަދަ ކަންތައްތަކަކީ މާތް ﷲގެ ހަނދާން އިތުރުކުރުމަށާއި ޤިޔާމަތް ދުވަހަށް ސަމާލުވުމަށް ގޮވައިލައްވާ ނިޝާނެއްކަން ފާހަގަކުރެއްވިއެވެ. "ފަހެ ލޯތަކަށް ޙައިރާންކަން ލިބި ތަރަތަރަލާ ހިނދެވެ. އަދި ހަނދުގެ އަލިކަން ފިލައިދާ ހިނދެވެ. އަދި އިރާއި ހަނދު އެއްތަން ކުރައްވާ ހިނދެ. އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލާންދާނީ ކޮންތާކަށްހެއްޔެވެ؟" މި އާޔަތުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންކޮށްދެއްވިއެވެ.

ކޭތަހިފުމުން ދުނިޔެއަށް މެދުވެރިވާ އަނދިރިކަމަކީ ޤަބުރުގެ އަނދިރިކަން ހަނދާންކޮށްދޭ ކަމެއްކަމަށް ވިދާޅުވެ، ކީރިތި ރަސޫލާ ޞައްލައްﷲ އަލައިހި ވަޞައްލަމަ ކޭތަނަމާދުގެ ޚުތުބާގައި ޤަބުރުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމަށް ނަޞޭޙަތްދެއްވިކަން ހަނދާންކޮށްދެއްވިއެވެ. ކޭތަ ހިފުމަކީ މުސްލިމުން ދީނީ ނަޒަރުން ބަލަންޖެހޭ، ކޭތަނަމާދުކޮށް ކުށްތައް ފުއްސަވައިދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް ރުޖޫޢުވާންޖެހޭ ކަމެއްކަން ޚުތުބާގައި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ރޭގެ ހަނދުކޭތަ ހިފަން ފެށީ ރާއްޖޭ ގަޑިން 20:28ގައި ނަމަވެސް ކޭތަ ހިފާ މަންޒަރު ސާފުކޮށް ފެންނަން ފެށީ 21:30 ހާއިރުއެވެ. 1 ގަޑިއިރާ 22 މިނެޓު ދިގުކޮށް ފުރިހަމަ ކޭތައެއް ރާއްޖެއަށް ފެނި، ކޭތަ އެއްކޮށް ވީއްލި ނިމުނީ ދަންވަރު 01:55 ގައެވެ.

އިރުކޭތައާއި ހަނދުކޭތަ ހިފަނީ ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް، އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާ ސަބަބުންނެވެ. އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަންނަ ހިނދު ހިފަނީ އިރުކޭތަ ކަމަށާއި، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަންނަ ހިނދު ހިފަނީ ހަނދުކޭތަކަމަށް ސައިންސްގެ ނަޒަރުން ބުނެއެވެ. ރާއްޖެއަށް ދެން ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުކަމަށް އަންދާޒާ ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.