މާދަމާ ރޭ ރާއްޖެއިން ފެންނާނެ ފުރިހަމަ ހަނދުކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރީތައް ފުރިހަމަކޮށްފިއެވެ. މި ޚާއްޞަ ފަލަކީ ހާދިސާއާ ގުޅިގެން ރާއްޖޭގެ މުސްލިމުންނަށް ކޭތަ ނަމާދު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ވަނީ މި ހަނދުކޭތައާ ގުޅޭ މުހިންމު ވަގުތުތައް ހާމަކޮށްފައެވެ. ރާއްޖޭގެ ގަޑިން މާދަމާ ރޭ 08:28 ގައި ހަނދުކޭތަ ފެށިގެންދާނެ ކަމަށާއި، ރޭ 11:11 ގައި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ހަނދުކޭތަ ނިމި ވީއްލާނީ މެންދަމު 01:55 ގައެވެ.
ކޭތަ ނަމާދު ކުރުމަށް ޓަކައި، ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 11:12 ގައި ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވެއެވެ. މިއީ ހަނދު ފުރިހަމައަށް ކޭތަވެފައި ހުންނާނެ ވަގުތަށްފަހު ކުރާ ނަމާދެކެވެ.
ފަލަކީ ޢިލްމުވެރިންގެ މަޢުލޫމާތުގައި، މި ފުރިހަމަ ހަނދުކޭތަ އޭޝިއާ، ޔޫރަޕު އަދި އެފްރިކާ ސަރަހައްދުތަކަށް ފެންނާނެއެވެ. މީގެ އިތުރުން މި ހަނދުކޭތައާއެކު "ބްލަޑް މޫން" ނުވަތަ ލޭ ކުލައިގެ ހަނދެއް ފެންނާނެ ކަމަށް ވެސް ފަލަކީ ޢިލްމުވެރިން ބުނެފައިވެއެވެ. ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް މި ޚާއްޞަ މަންޒަރު ސާފުކޮށް ފެންނާނެއެވެ.
ހަނދުކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ހުރަސްވެ، ބިމުގެ ހިޔަނި ހަނދަށް އެޅުމުންނެވެ. ހަނދު ފުސް ރަތް ކުލައެއްގައި ނުވަތަ ލޭ ކުލައިން ފެނުމުގެ ސަބަބަކީ، އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅުމެވެ. މިއީ ޤުދުރަތީ ގޮތުން ވަރަށް ނާދިރުކޮށް ފެންނަ މަންޒަރެއް ކަމުން، ފަލަކީ ޢިލްމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ފުރުޞަތެކެވެ.
ކޮމެންޓު ފޮނުވާ