އޮގަސްޓް ނިމުނުއިރު ދައުލަތުގެ ހަރަދު 15.6% ދަށްވެ، އާމްދަނީ އިތުރުވެއްޖެ

އޮގަސްޓް ނިމުނުއިރު ދައުލަތުގެ ހަރަދު 15.6% ދަށްވެ، އާމްދަނީ އިތުރުވެއްޖެ

Author
ޙަސަން މުޙައްމަދު
04 ސެޕްޓެމްބަރ 2025 02:51
0

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 4.9 އިންސައްތަ އިތުރުވި އިރު، ހަރަދުތައް 15.6 އިންސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ އަލަށް ނެރުނު "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 25.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް ނިމުނުއިރު ލިބިފައިވީ 24.1 ބިލިއަން ރުފިޔާކަމުން، މި އަހަރު އާމްދަނީ އިތުރުވެފައިވާ މިންވަރު ފާހަގަކުރެވެއެވެ.

ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ކަމުގައިވާ 19.7 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. ޓެކްސް ނޫން އެހެން ގޮތްގޮތުން ދައުލަތަށް ލިބިފައިވަނީ 5.4 ބިލިއަން ރުފިޔާއެވެ.

ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް ނިމުނުއިރު ދައުލަތުގެ ބަޖެޓުން ޖުމްލަ 24.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވީ 29.4 ބިލިއަން ރުފިޔާއެވެ. މިއިން ދައްކާގޮތުން ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ރިކަރަންޓް ހަރަދު 1.7 އިންސައްތަ ދަށްވެފައިވާއިރު، ރިކަރަންޓް ހަރަދުގެ 56 އިންސައްތަ ގޮސްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމުގެ ކަންކަމަށެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި ހަރަދު 5.5 އިންސައްތަ ދަށްވެފައިވެއެވެ.

އެންމެ ބޮޑަށް ދަށްވެފައިވަނީ ކެޕިޓަލް ހަރަދުތަކެވެ. ކެޕިޓަލް ހަރަދު 57.4 އިންސައްތަ ދަށްވެފައިވާއިރު، އޮގަސްޓް ނިމުނުއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ހޭދަވެފައިވަނީ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށެވެ. މި މަޝްރޫއުތަކުގެ ތެރޭގައި މަގުހެދުން، ބްރިޖް ތަރައްގީކުރުން އަދި އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހިންގާ މަޝްރޫއުތަކަށް މި އަހަރުގެ މިހާތަނަށް 4 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެންމެ ގިނައިން ހިންގާފައިވަނީ ބަނދަރުތައް ތަރައްގީކުރުމާއި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއުތަކެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 12.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކޮށްފައިވާއިރު، އޮގަސްޓް ނިމުނުއިރު މި އަދަދުގެ ތިންބައިކުޅަ އެއްބައަށްވުރެ މަދު އަދަދެއް ހޭދަވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.